ޚަބަރު
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން--
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ހިރިލަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް، އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހިރިލަންދޫ ކައުންސިލް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި އެ ރަށުގެ ކައުންސިލްގެ ރައީސް، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ.)ގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިރިލަންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބައުވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް އައުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ 5 އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް އާރް.ސީ.ސީ.އާ ވަނީ ޙަވާލުކުރެވިފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ލެވިފައި ހުންނާނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.