ދުނިޔެ
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕާއި އެކު މުސްލިމް ޤައުމުތަކުގެ ވެރިންނާއެކު ބޭއްވުނު ވާހަކަތައް ކާމިޔާބު

ޢަރަބި އިސްލާމީ ޤައުމުތަކުގެ އިސް ލީޑަރުންނާއި އެމެރިކާގެ ރައީސާ އެކު ބޭއްވުނު ބައްދަލުވުން
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޢަރަބި އަދި މުސްލިމް ލީޑަރުންނާއެކު ބޭއްވި ބައްދަލުވުން ކާމިޔާބު ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.
އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ތެރެއިން ނިއުޔޯކުގައި ބޭއްވުނު މި ބައްދަލުވުމުގައި އިސްރާއީލް ފިޔަވައި "މުހިންމު ހުރިހާ ފަރާތްތަކެއް" ބައިވެރިވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މިޞްރު، އިންޑޮނޭޝިއާ، ޖޯޑަން، ޕާކިސްތާން، ޤަތަރު، ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް އަދި އެކުވެރި ޢަރަބި ޢިމާރާތުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޢިމާރާތުގެ ސަރުކާރުގެ ނޫސް އޭޖެންސީ "ވާމް" އިން ބުނާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމާއި، ދާއިމީ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުންނެވެ. އަދި ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާއި، އިންސާނީ ހާލަތު ގޯސްވަމުންދާ މައްސަލައަށް އިސްކަންދީގެން މަޝްވަރާކުރެވުނު ކަމަށް ވާމްއިން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ޕްލޭންގައި އިސްރާއީލުގެ ބައިވެރިވުމެއް ނެތް ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މި ޕްލޭންގެ ތަފްސީލުތައް އަންގާފައިވާ ކަމަށް ބެލެވެއެވެ. މި ޕްލޭންގައި ފަލަސްތީނުގެ އޮތޯރިޓީގެ ދައުރެއް ހިމެނޭ ކަމަށް ބެލެވޭއިރު، އެކަމަކީ އިސްރާއީލުން ތަކުރާރުކޮށް ދެކޮޅުހަދާ ކަމެކެވެ.
ޣައްޒާގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 65,382 މީހުން ޝަހީދުވެފައިވާއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަކީ "އިނާމެއްގެ ގޮތުގައި ދެވޭ އެއްޗެއް ނޫން، އެއީ ޙައްޤެއް" ކަމަށެވެ.
އދ. ގެ ޑިޕްލޮމެޓުންގެ މެދުގައި ދެކެވޭ ގޮތުގައި ޓްރަމްޕަށް ވައިޓް ހައުސްގައި ލިބެނީ އެއް ފަރާތުގެ ވާހަކަ އެކަނި ކަމަށް އަލްޖަޒީރާގެ ޑިޕްލޮމެޓިކް އެޑިޓަރ ޖޭމްސް ބޭސް ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގައި އިސްރާއީލަށް އެހީތެރިވެދޭ އެންމެ ޤައުމަކީ އެމެރިކާއެވެ.
ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ވަނީ ޣައްޒާގެ ހާލަތު ވަރަށް ގޯސްކަމަށް ފާހަގަކުރައްވައި، މި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ލީޑަރޝިޕްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިސްރާއީލްގެ މަޤްޞަދަކީ ޣައްޒާ ހަލާކުކޮށް، އެތަނުގެ ދިރިއުޅުމާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތައް ނައްތާލުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފްރާންސްއާއި ސަޢޫދީ ޢަރަބިއްޔާއިން އިންތިޒާމުކުރި ދެ-ދައުލަތުގެ ހައްލަކާ ބެހޭ ބައްދަލުވުމެއްގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ ވަނީ ޣައްޒާގައި ސުލްޙަވެރި ސަލާމަތީ ބާރުތައް ޤާއިމުކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.