Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލު ހިރިލަންދޫއަށް: ރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް!

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލު ހިރިލަންދޫއަށް: ރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް!

ރައީސް ހިރިލަންދޫއަށް ވަޑައިގަތުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ސެޕްޓެމްބަރު 2025، 02:51

24 ސެޕްޓެމްބަރު 2025، 02:51

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮޅުމަޑުލު ހިރިލަންދޫއަށް ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނުގެ ކޮޅުމަޑުލު ދަތުރުފުޅުގެ 5 ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން، އެރަށުގެ ރައްޔިތުން ރައީސްއަށް މަރުޙަބާ ދަންނަވާފައިވަނީ، ޘަޤާފީ ހަރާކާތްތަކަކާ އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހިރިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، އެރަށުގެ މަގުތައް ތަރައްޤީކޮށް، އައު މިސްކިތެއް އެޅުމާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް، އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވާ، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން