ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ތ. ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ކޮޅުމަޑުލު ކަނޑޫދޫގެ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ، ބަނދަރު ބޮޑުކުރަން ބޭނުންވާކަމާއި، ރަށުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތައް ހިއްސާކުރައްވާފައެވެ. ހަމަ އެއާއެކު، މިހާރު ހުއްޓިފައި ހުރި ޕްރޮޖެކުޓުތަކުގެ މަސައްކަތް އަވަސް ކޮށްދެއްވައި، ޚާއްޞަކޮށް ނަރުދަމާގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ބޮއެއް ޤާއިމުކޮށްދެއްވުމަށާއި، ސުކޫލަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށްދެއްވުމާއި، ކަރަންޓް ނެޓްވޯކްގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. ހަމަ މިއާއެކު، ކައުސިލުން ވަނީ ކަނޑޫދޫގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވެސް ރައިސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.