ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ސައިޑް އިވެންޓެއް ބާއްވައިފި

ސައިޑް އިވެންޓުގެ ތެރެއިން/ފޮޓޯ: ޚާރިޖީ ވުޒާރާ
އދ .ގެ 80 ވަނަ ޢާންމު މަޖިލީހުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ސައިޑް އިވެންޓެއް ބާއްވައިފިއެވެ.
"ޑެކޭޑް އޮފް ޕެރިސް އެގްރީމަންޓް: ދަ މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް" ގެ ނަމުގައި ބޭއްވި މި އިވެންޓުގައި ޕެރިސް އެގްރީމެންޓަށް ޢަމަލުކުރަންފެށި ފަހުން ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގެ އިސްވެރިންނާ، ތަރައްޤީގެ ބައިވެރިންނާއި، ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވަނީ ބައިވެރިވެފަ އެވެ.
މި ސައިޑް އިވެންޓް ފައްޓަވައިދެއްވުމުގެ ގޮތުން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހީމް ވަނީ، ފާއިތުވި 10 އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ކްލައިމެޓް ޕޮލިސީއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން 3 ވަނަ ނޭޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ. 3.0) ހުށަހަޅާފައިވާ ކަމާއި، މި ހުށަހެޅުމުގައި 2035 ވަނަ އަހަރުގެ ނިޔަލަށް 1.52 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުމަށް އަމާޒު ކުރާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ހަކަތައާއި ދަތުރުފަތުރުގެ އިތުރުން، ކުނި މެނޭޖްކުރުން ފަދަ މުހިންމު ދާއިރާތަކުގައި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެން.ޑީ.ސީ. ޕާޓްނަރޝިޕް ސަޕޯޓް ޔުނިޓްގެ ގްލޯބަލް ޑިރެކްޓަރ، ޑރ. ޕަބްލޯ ވިއެރާ ވަނީ މި އިވެންޓާއި ގުޅިގެން ބޭއްވުނު ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވާފައެވެ. މި ޕެނަލްގައި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ފޮރ ގްލޯބަލް އިޝޫޒް، ނަކަމޫރާ ރިޔޯ، އެލް.ޑީ.ސީ.، އެލް.އެލް.ޑީ.ސީ. އަދި ސިޑްސް ގެ އޮފީސް ފޮރ ހައި ރެޕްރެޒެންޓޭޓިވްސް ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އެންޑް ހައި ރެޕްރެޒެންޓޭޓިވް ރަބާބް ފާތިމާ، ޔޫ.އެން.ޑީ.ޕީ. ގެ ރީޖަނަލް ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް އަދި އެސިސްޓަންޓް ސެކްރެޓަރީ-ޖެނެރަލް ކަންނި ވިގްނަރާޖާ، އިޓަލީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ސެކިއުރިޓީ ގެ ޑިރެކްޓަރ-ޖެނެރަލް އަލެސާންޑްރޯ ގުއެރީ، ގްރީން ކްލައިމެޓް ފަންޑްގެ ޗީފް ސްޓްރެޓަޖީ އެންޑް އިމްޕެކްޓް އޮފިސަރ ޑރ. ޗާލްސް އެހާޓް އަދި ޔުނެޕްގެ ޑިރެކްޓަރ އޮފް އިންޓަރގަވަރމެންޓަލް އެފެއާޒް، ޖަމީލް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލިސްޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދޭ ގޮތްތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ފައިނޭންޝަލް އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ބަދަލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ސައިޑް އިވެންޓް ނިންމާލަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ތަޤުރީރުކުރައްވާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ހަމަ މިއާއެކު، ދިވެހިރާއްޖޭގެ ތިންވަނަ ނޭޝަނަލް ޑިޓަރމިންޑް ކޮންޓްރިބިއުޝަން ދަށުން ބޭނުންވާ ފައިސާ ހޯދުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ކެޕޭސިޓީ ބިލްޑިންގއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން ޤައުމުތަކުން އެއްބާރުލުން ފޯރުކޮށްދިނުމަށް ޚާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައެވެ. މި ސައިޑް އިވެންޓަކީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ނާޒުކު ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދިނުމުގެ ގޮތުން ބޭއްވުނު ސައިޑް އިވެންޓެކެވެ.