Ads by Stelco

ޚަބަރު

ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫއަށް ވަޑައިގެންފި

ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫއަށް ވަޑައިގެންފި

ރައީސް ކަނޑޫދޫއަށް ވަޑައިގަތުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ސެޕްޓެމްބަރު 2025، 12:02

24 ސެޕްޓެމްބަރު 2025، 12:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮޅުމަޑުލު ކަނޑޫދޫއަށް ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނުގެ ކޮޅުމަޑުލު ދަތުރުފުޅުގެ ހަރަތު ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކަނޑޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، އެރަށުގައި ތަރައްޤީކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާ، ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް، އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން