ދުނިޔެ
ވޭތުވެދިޔަ 23 މަސްދުވަހުގެ ތެރޭގައި ކޮންމެ ގަޑިއިރަކު ޣައްޒާގެ އެއް ކުއްޖަކު އިސްރާއީލުގެ އަތްދަށުން ޝަހީދުވަމުންދޭ: އުރްދުޢާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން
ވޭތުވެދިޔަ 23 މަސްދުވަހުގެ ތެރޭގައި ކޮންމެ ގަޑިއިރަކު ޣައްޒާގެ އެއް ކުއްޖަކު އިސްރާއިލްގެ އަތްދަށުން ޝަހީދުވަމުންދާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތުރުކީވިލާތުގެ ރައީސް އުރްދުޣާން ވިދާޅުވެފައިވަނީ
މިހާތަނަށް ޣައްޒާގައި 65،000 އަށް ވުރެ ގިނަ މަދަނީ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 20،000 އަކީ ކުޑަކުދިންނެވެ. އަދި ވޭތުވެދިޔަ 23 މަސްދުވަހުގެ ތެރޭގައި ކޮންމެ ގަޑިއިރަކު އެއް ކުއްޖަކު އިސްރާއީލުގެ އަތްދަށުން ޝަހީދުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުރްދުޣާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޣައްޒާގެ 2.5 މިލިއަން ރައްޔިތުން ކޮންމެ ދުވަހަކު އެއްތަނުން އަނެއްތަނަށް ބަދަލުވަމުންދާއިރު، ޞިއްޙީ ޚިދުމަތްތައް ވަނީ މުޅިން ހުއްޓިފައެވެ. އަދި ކުޑަކުދިން ބަނޑުހައިހޫނުކަމުގައި ޝަހީދުވަމުންދާއިރު، މިފަދަ ކަންކަމާމެދު ހަނުހުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ދުނިޔެއަށް ދައްކަމުންދާއިރު، އިސްރާއީލުން ވަނީ 250 ނޫސްވެރިން ޤަތުލުކޮށްފައެވެ. އަދި އދ. އަށްވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ރައްކާތެރިކުރެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިސްރާއީލުން ޤަޠަރަށް ދިން އިންޒާރުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވީ، މިއީ އިސްރާއީލުގެ ވެރިކަން ކޮންޓްރޯލުން ބޭރުވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ސަރަޙައްދުގެ ހުރިހާ ޤައުމުތަކެއް މިހާރު ވަނީ އިސްރާއީލުގެ ނުރައްކާތެރި އިންޒާރުތަކުގެ ދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.