ޚަބަރު
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 2 ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 2 ބިދޭސީން/ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 2 ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އެމްޑީ ޝަމިމް މިއާ، ބަންގްލަދޭޝް (37އ) އާއި އަލައުއްދީން، ބަންގްލަދޭޝް (22އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ޤަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި، އެފަދަ މީހުން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި، ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް މިހާރު ފަށާފައިވާ ޤައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ. އެގޮތުން، މި އޮޕަރޭޝަނުގައި 13 ފުލުހުކާއި، މޯލްޑިވްސް އިމިގްރޭޝަނުގެ 3 އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ 3 އޮފިސަރަކު ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން މި މަހުގެ 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަޙައްދުގައި ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން އެމީހުންނާއި ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނިފައިވާ ކަމަށެވެ. ހަމަ މިއާއެކު، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.