ޚަބަރު
ފައިސާގެ އިނާމަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެއް/ފޮޮޓޯ: ރަސް އޮންލައިން
ފައިސާގެ އިނާމަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، "ޝާމިލް" ލޯގޯގެ ނަމުގައި ފަރުމާކުރާ މި ޚާއްޞަ ލޯގޯއަކީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު" ގެ 19 ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މަސައްކަތުގެ ދާއިރާގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ މަސައްކަތްކުރުމަށް ފުރުޞަތުތައް ހޯދައި ދިނުމަށް އެފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށާއި ވިއްކުމުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ތަޢާރަފުކުރާ ލޯގޯއެކެވެ.
މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު ޢާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. އަދި އެ ވުޒާރާގެ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުގެ ސަބަބުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުންކަމަށް އިޖްތިމާޢީ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މުބާރާތުގައި ހުށަހަޅާ ލޯގޯއަކީ ދިވެހި ޘަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ، އަދި ހަމައެއާއެކު ބާރުވެރިކުރުވުމާއި، ޝާމިލުކަމާއި، އުފެއްދުންތެރިކަން ތަމްސީލުކުރާ ލޯގޯއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި މުބާރާތުގައި 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބައިވެރިވެވޭއިރު، ވަކިން ޚާއްޞަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ރަޖިސްޓަރީ ކުރެވިފައިވާ ބެލެނިވެރިން ނުވަތަ އެހީތެރިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ހުޅުވާލާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ހަމަ މިއާއެކު، މި މުބާރާތް ކާމިޔާބުކުރާ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމާއި، އިޖްތިމާޢީ ވުޒާރާގެ ފަރާތުން ދެއްވާ ހަނދާނީ ލިޔުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ލޯގޯ ފަރުމާކުރުމަށްފަހު، ރަސްމީ ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮކްޓޯބަރ 2025 އެވެ. މި ލޯގޯ ހުށަހެޅުމަށް ލޯގޯގެ ޑިޒައިން އަދި ބޭނުންވާ ލިޔެކިޔުންތައް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖްތަމަޢުގައި ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.