ޚަބަރު
މ. ކޮޅުފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: އާރުޑީސީ
މ. ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކުއަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި، މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ނައުފަލް، އަދި ކޮޅުފުށި ކައުންސިލްގެ ރައީސް ޢަބަދުލް ޢަލީމް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
އާރުޑީސީއަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.