ޚަބަރު
ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސްގެ ސަޢުދީ ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އެޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް، އަދި އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަޢޫދި އަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ގާތް އެކުވެރި ޤައުމެއް ކަމަށެވެ. ހަމަ އެހެންމެ، ސަޢޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އޮންނަވާ ކަމަށެވެ.
ސަޢޫދީ އަރަބިއްޔާއިން މިއަދު ފާހަގަކުރަމުންދަނީ، އެޤައުމުގެ 95 ވަނަ ޤައުމީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.