ޚަބަރު
ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން އައްޔަން ކުރައްވައިފި

މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން
މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އުފައްދަވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.
މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ކައުންސިލަކީ "މޯލްޑިވްސް 2.0 ރޯޑްމެޕް" ގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެވެ. މި ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ އިސް 9 ބޭފުޅުންނެވެ.
ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، މާލީ ތަރައްޤީއާ ބެހޭ ވަޒީރު މޫސާ ޒަމީރު، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، އަދި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މީގެއިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑޮކްޓަރ މުޙައްމަދު ކިނާނަތުވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް ސިޔާޙް ޚަލީލް އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރުވެސް މި ކައުންސިލްގައި ހިމެނިވަޑައިގަންނަވައެވެ.