ކުޅިވަރު

ބާސެލޯނާގެ މުސާރަ ޝީޓުން 112 މިލިއަން ޔޫރޯ އުނިކޮށްފި!

ބާސެލޯނާގެ މުސާރަ ޝީޓުން 112 މިލިއަން ޔޫރޯ އުނިކޮށްފި!

ބާސެލޯނާ އެފްސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ސެޕްޓެމްބަރު 2025، 04:03

22 ސެޕްޓެމްބަރު 2025، 04:03

ސްޕެނިޝް ލީގުގެ ފަރާތުން އެފްސީ ބާސެލޯނާގެ މުސާރަ އަށް ހޭދަކުރެވޭނެ އެންމެ މަތީ އަދަދު، 112 މިލިއަން ޔޫރޯ އިން ދަށްކޮށްފިއެވެ. މި ނިންމުމާއެކު ލީގުގެ މުސާރަ ޝީޓުގައި އެންމެ ބޮޑު އަދަދެއް ހޭދަކުރެވޭނެ ކުލަބަކީ ރެއާލް މެޑްރިޑް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ހުސްވި ޖެނުއަރީ މަހު ސްޕެނިޝް ލީގުން ބާސެލޯނާ އަށް 463 މިލިއަން ޔޫރޯއާ ހަމައަށް މުސާރަ އަށް ހޭދަކުރެވޭނެ ކަމަށް ނިންމި ނަމަވެސް، މިހާރު މި އަދަދު 351 މިލިއަން ޔޫރޯ އަށް ދަށްކޮށްފައިވަނީ، ބާސެލޯނާއިން އާމްދަނީގެ ގޮތުގައި ހުށަހެޅި ބައެއް ހެކިތައް ސާބިތުކޮށްނުދެވުމުންނެވެ. މިއީ ކުރިން ނިންމި އަދަދާ އަޅާބަލާއިރު 24 ޕަސެންޓްގެ ދަށްކުރުމެކެވެ. މިކަމުގެ ސަބަބުން ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓަރކުރުމުގައި އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މުސާރަ ޝީޓުގެ ޖާގަ މިހާ ބޮޑު އަދަދަކުން ދަށްކުރި އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ، އެ ކުލަބުން ބިނާކުރަމުންދާ އައު ސްޓޭޑިއަމުގެ ވީއައިޕީ ސީޓްތަކާ ގުޅިގެންނެވެ. ބާސެލޯނާއިން ބުނީ 30 އަހަރު ދުވަހަށް ވީއައިޕީ ސީޓްތަކެއް 100 މިލިއަން ޔޫރޯއަށް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް ސްޕެނިޝް ލީގުގެ އޮޑިޓަރުންނަށް މި ފައިސާ ބާސެލޯނާގެ އެކައުންޓަށް ޖަމާވާނެކަން ޔަގީނެއް ނުކުރެވުނެވެ. މި ސަބަބަށްޓަކައި މުސާރަ ޝީޓުން ބޮޑު ބައެއް އުނިކުރީއެވެ.

ނަމަވެސް މި ދަށްކުރުންތަކާއެކުވެސް ސްޕެނިޝް ލީގުގައި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް މުސާރަ އަށް ހޭދަކުރެވޭނެ ކުލަބަކީ ބާސެލޯނާއެވެ. އާމްދަނީ އަށް ބަލާއިރު އެންމެ ބޮޑު އަދަދެއް މުސާރައަށް ހޭދަކުރެވޭނެ ކަމަށް ނިންމާފައިވަނީ ރެއާލް މެޑްރިޑަށެވެ. ސްޕެނިޝް ލީގުން ބުނީ އެ ކުލަބަށް 761 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ހޭދަކުރެވިދާނެ ކަމަށެވެ. ރެއާލް މެޑްރިޑަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުލަބެވެ. މި ގޮތުން އެ ކުލަބުގެ އާމްދަނީ ބިލިއަނެއް ފަހަނައަޅައި ވަނީ ކުރިއަށް ގޮސްފައެވެ.

ތިންވަނަ އަށް މުސާރަ އަށް އެންމެ ބޮޑު ހޭދައެއް ކުރެވެން އޮތީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ކުލަބަށް 327 މިލިއަން ޔޫރޯއާ ހަމައަށް ހޭދަކުރެވިދާނެއެވެ.

މުސާރަ އަށް އެންމެ ކުޑަ ހޭދައެއް ކުރެވެން އޮތީ ސެވިއްޔާ އަށެވެ. ސްޕެނިޝް ލީގުން ނިންމާފައިވަނީ އެ ކުލަބުގެ މާލީ ކަންކަން ބެލުމަށްފަހު ހޭދަކުރެވޭނީ 22.14 މިލިއަން ޔޫރޯ ކަމަށެވެ. ކުރިން އެ ކުލަބަށް ދީފައިވަނީ 21.5 މިލިއަން ޔޫރޯ ހޭދަކުރުމުގެ ހުއްދައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން