ޚަބަރު
އަރްމީނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި އަރްމީނިއާގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް
އަރްމީނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
އަރްމީނިއާގެ ޚާރިޖީ ވަޒީރު އަރަރަޓް މިރްޒޮޔަން އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އަރްމީނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި އަރްމީނިއާ އާ ދެމެދުގައި ޤާއިމުވެފައިވާ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އަރްމީނިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.