ޚަބަރު
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަންދެއްވީ، 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއަޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އެއަޕޯޓްގެ މަޝްރޫޢު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.
މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓި ޕާޕަސް ހޯލާއި، ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. މީގެ އިތުރުން، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފ. މަގޫދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ބައެއް މަޝްރޫޢުތައް ފަށްޓަވާދެއްވާފައެވެ.