ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލެ ފޭސް 1 އިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ތ. ތިމަރަފުށި / މާޖެހިގެ، މާދިން މުޙައްމަދު ނަޞީރު (19އ) އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ކަންނެލި ޖެޓީ ސަރަޙައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައި ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެ ސަރަޙައްދުން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މާދިން މުޙައްމަދު ނަޞީރުއަށް ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ. އަދި ފުލުހުން އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.