ޚަބަރު
ޒުވާން ޚަޠީބުންނަށް 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

މި ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕް' އެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާން ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، އެފަރާތްތަކަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދިނުން ކަމަށެވެ. ހަމަ މިއާއެކު، މި ވޯކްޝޮޕްގެ ޒަރީޢާއިން ލީޑާޝިޕްގެ ދާއިރާއާއި ގުޅޭ ދީނީ މުހިންމު މަޢުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ވޯކްޝޮޕުގައި ތަފާތު މުހިންމު މަޢުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މި ވޯކްޝޮޕުގައި އަލިއަޅުވާލެވޭ މަޢުޟޫތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އަދި އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން ހިމެނެއެވެ.
އަދި އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން، އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަޝިޕް ވެސް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.