Ads by Stelco

ޚަބަރު

މަގޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

މަގޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ސެޕްޓެމްބަރު 2025، 02:00

21 ސެޕްޓެމްބަރު 2025، 02:00

ފ. މަގޫދުގައި ބިނާކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މަގޫދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ޢިމާރާތުގެ ބިންގައު އެޅުމަށް، އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަގޫދޫ ކައުންސިލް ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވީ، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި އެ ރަށުގެ ކައުންސިލްގެ ރައީސް، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ.)ގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މަގޫދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބައުވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް އައުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ 5 އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް އާރް.ސީ.ސީ.އާ ވަނީ ޙަވާލުކުރެވިފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޮވެތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ލެވިފައި ހުންނާނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން