ދުނިޔެ

ޕޯޗުގަލް އިން ފަލަސްޠީނުގެ ދައުލަތް މިނިވަން ދައުލަތެއްގެ ގޮޮތުގައި ބަލައިގަންނަނީ

ޕޯޗުގަލް އިން ފަލަސްޠީނުގެ ދައުލަތް މިނިވަން ދައުލަތެއްގެ ގޮޮތުގައި ބަލައިގަންނަނީ

ޕޯޗުގަލްގެ ލިސްބަންގައި ބޭއްވި އިޙްތިޖާޖެެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2025، 04:23

20 ސެޕްޓެމްބަރު 2025، 04:23

ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ޔުނައިޓެޑް ކިންގްޑަމްގެ ފަހަތުން ޕޯޗުގަލުން ވެސް ނިންމައިފި އެވެ. 

މި ނިންމުން ތަންފީޒު ކުރާނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ މަތީ ފެންވަރުގެ ބައްދަލުވުމުގެ ކުރިން، އާދީއްތަ ދުވަހު ކަމަށް ޕޯޗުގަލްގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕޯޗުގަލްގެ ސެންޓަރ-ރައިޓް ބިއުރޯގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ މި ނިންމުން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ޕާލަމެންޓާ މަޝްވަރާކުރެއްވި ކަމަށް އެ ޤައުމުގެ ނޫސް "ކޮރެއިއޯ ދަ މަންހާ" އިން ރިޕޯޓުކޮށްފައިވެ އެވެ. މިއީ 2011 ވަނަ އަހަރު ލެފްޓް ބްލޮކް ޕާޓީން ހުށަހެޅި ހުށަހެޅުމަކަށް ފަހު 15 އަހަރު ވަންދެން ކުރެވުނު ބަހުސްތަކަށް ނިމުމެއް ގެނައުން ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.

ޕޯޗުގަލްގެ މި ނިންމުން އަންނަނީ އދ. ގެ ތަހުގީގަކުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައަކީ ނަސްލު ހަލާކުކުރުމުގެ ޢަމަލެއް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. އިސްރާއީލުގެ ހަމަލާތައް ފެށުނު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 65،141 މީހުން ވަނީ މަރުވެފައެވެ. އަދި 165،925 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ވެސް އެތައް ހާސް ބަޔަކު ވާނީ ޢިމާރާތްތަކުގެ ތެރެއަށް ވެއްޓި ވަޅުލެވިފައެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންގެ ލަފާދޭ ފަރާތަކުން ބުނެފައިވާ ގޮތުގައި އެންޑޯރާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ލަކްސެމްބާގް، މޯލްޓާ އަދި ސަން މެރީނޯ ވެސް ހޯމަ ދުވަހު ނިއު ޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޢޫދީ އަރަބިއްޔާ އާއި ފްރާންސް ގުޅިގެން އިންތިޒާމްކުރާ މަތީ ފެންވަރުގެ ބައްދަލުވުމުގައި ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ އެވެ.

މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އދ. ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 75 ޕަސެންޓް ކަމަށްވާ 147 ޤައުމުން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. އެހެންނަމަވެސް އިސްރާއީލާއި އެމެރިކާއިން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ޤައުމުތަކާ މެދު ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން