ޚަބަރު
ވ. ތިނަދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވައިފި

އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުން--
ފެލިދެއަތޮޅު ތިނަދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފި އެވެ.
ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ފެލިދެއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫއަށް ވަޑައިގެންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑާއި ފައިސާ ރަށު ކައުންސިލަށް ރައީސް ވަނީ ހަވާލުކުރައްވާފައެވެ. ތިނަދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސްއެވެ.
އެހެން އޭޓީއެމްތައް ފަދައިން ތިނަދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފައެވެ. އެގޮތުން، އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ގއ، އަދި ގދ އަތޮޅުގައެވެ. މީގެ އިތުރުން، އއ.، ހއ.، ހދ.، ށ.، ދ.، ނ.، މ.، ކ. އަދި ބ. އަތޮޅު ވެސް ހިމެނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.