ޚަބަރު
ރައީސުލްޖުމްހޫރިއްޔާއަށް ވ. ފުލިދޫއިން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ވ. ފުލިދޫއަށް ވަޑައިގަތުން--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވ. ފުލިދޫއިން ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފުލިދޫއަށް ވަޑައިގެންފައިވަނީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފުލިދޫގައި ތަރައްޤީކޮށްފައިވާ ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް އޭޓީއެމް ގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، ފުލިދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހެލްތު ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން، ވ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ، ވ. ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.