ދުނިޔެ
ޖޯޑަން އާއި ހުޅަނގު އައްސޭރިއާ ގުޅޭ ބޯޑަރުގައި ދިން ހަމަލާތަކެއްގައި އިސްރާއިލް ސިފައިންގެ 2 މީހަކު މަރުވެއްޖެ

ޖޯޑަން އާއި ހުޅަނގު އައްސޭރިއާ ގުޅޭ ބޯޑަރު
ޖޯޑަން އާއި ހުޅަނގު އައްސޭރިއާ ދެމެދުގައި އޮންނަ ކިންގް ހުސެއިން (އެލެންބީ) ބްރިޖް ކްރޮސިންގ ގައި ދިން ހަމަލާއެއްގައި އިސްރާއީލްގެ ސިފައިންގެ ތެރެއިން ދެމީހަކު މަރުވެއްޖެއެވެ.
އިސްރާއީލްގެ ނެޝަނަލް އެމްބިއުލަންސް ސަރވިސްއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މަރުވި ދެ މީހުންގެ އުމުރަކީ 20 އަހަރާއި 60 އަހަރުގެ ދެމީހުންނެވެ. އިސްރާއީލްގެ މިލިޓަރީން ބުނާ ގޮތުގައި ހަމަލާ ދިން ފަރާތަކީ ޖޯޑަންއިން އިންސާނީ އެހީ ގެންދިޔަ ޓްރަކެއްގައި ދަތުރުކުރި މީހެކެވެ. އޭނާ ވަނީ ބަޑި ޖަހަން ފަށާފައެވެ. ސެކިއުރިޓީ ބާރުތަކުން ވަނީ އެ ހަމަލާއަށް ޖަވާބުދީ، ހަމަލާ ދިން ފަރާތް "ނިއުޓްރަލައިޒް" ކޮށްފައެވެ. އިސްރާއީލީ މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާ ދިން ފަރާތުގެ ބަޑި މަސައްކަތް ނުކުރުމުން، ވަޅިން ހަމަލާ ދީފައިވާ ކަމަށް ބެލެވެއެވެ.
މި ހަމަލާއަށް އެއްވެސް ފަރާތަކުން ޒިންމާ ނަގާފައި ނުވިނަމަވެސް، ޖޯޑަންގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ހަމަލާ ދިން ފަރާތަކީ ޖޯޑަންގެ ރައްޔިތެއް ކަމަށާއި، އޭނާ ވޭތުވެދިޔަ ތިން މަސް ދުވަހު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލްގެ މިލިޓަރީ ޗީފް އޮފް ސްޓާފް އެޔަލް ޒަމީރު ވަނީ ޖޯޑަންއިން އަންނަ އިންސާނީ އެހީގެ މަގު ވަގުތީ ގޮތުން ބަންދުކުރުމަށް ހުށަހަޅާފައެވެ. މިއީ ތަހުގީގު ނިމި، ޖޯޑަންގެ ޑްރައިވަރުންނާ ގުޅޭ ސަލާމަތީ ޕްރޮޓޮކޯލްތައް މުރާޖަޢާ ކުރެވެންދެން ކަމަށް އިސްރާއީލްގެ މިލިޓަރީން ބުނެފައިވެއެވެ.
ކިންގް ހުސެއިން ބްރިޖަކީ ޖޯޑަންއާއި އިސްރާއީލާ ދެމެދު ވިޔަފާރީގެ މުހިންމު ކްރޮސިންގ އެކެވެ. މީގެ ކުރިން 2024 ގެ ސެޕްޓެމްބަރުގައިވެސް މި ކްރޮސިންގ ގައި ހަމަލާއެއް ހިނގާ، ޖޯޑަންގެ މީހަކު އިސްރާއީލްގެ ބޯޑަރުގައި މަސައްކަތްކުރަ 3 މަސައްކަތްތެރިން މަރާލާފައިވެއެވެ. އެ ހާދިސާއާ ގުޅިގެން ކްރޮސިންގ ދެ ދުވަހުގެ މުއްދަތަށް ބަންދުކުރެވުނެވެ.