ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަޞްދީޤުކުރައްވައިފައެވެ. މި ބިލަކީ، މިމަހުގެ 16 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެން ވަނީ ޢަމަލުކުރަން ފަށައިފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި، (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވުނީއެވެ. އަދި (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ދަށުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އަށް ބަދަލުވީއެވެ.
މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅުމެވެ.
މީގެ އިިތުރުން، އެ އުޞޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަކީ ވެސް މި ބިލު ތަޞްދީޤުކުރެއްވުމުގެ މައިގަނޑު މަޤްޞަދުތަކެކެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.