ޚަބަރު
ސީއެސްސީގެ މުވައްޒަފުންނަށް ރިސާލަތު އަދި ނަމާދު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ސީއެސްސީގެ މުވައްޒަފުންނަށް ޕްރޮގުރާމް ކުރިއަށް ގެންދިޔުން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ މުވައްޒަފުންނަށް ރިސާލަތު އަދި ނަމާދު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމުގެ ދަންފަޅި ނަންގަވައިދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ. ހަމަ އެހެންމެ، މުވައްޒަފުންނަށް ނަމާދު ޕްރޮގުރާމުގެ ދަންފަޅި ނަންގަވައިދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡުންކަމަށްވާ އައްޝައިޚް އަޠީފް އަބޫބަކުރާއި އައްޝައިޚް ޢަލީ ޝަހީދުކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ ޢާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު ޕްރޮގުރާމަކީ، ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަޤުޞަދުގައި މިއަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ސީއެސްސީގެ މުވައްޒަފުންނަށް ބޭއްވި މި ޕްރޮގްރާމުގެ ދަންފަޅިތަކުގައި އެ ކޮމިޝަންގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވޭ ކަމަށެވެ.