ޚަބަރު
ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް އަންހެން ފުލުހުންގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ޚާއްޞަ ހަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ''ލޯތްބާއެކު'' ގެ ނަމުގައި އަންހެން ފުލުހުންގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ވިމެން އިން ޕޮލިސިންގ ދުވަހަކީ، 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 'ލޯތްބާއެކު' ގެ ނަމުގައި އަންހެން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތް، ފުލުހުން ޤާއިމުވެފައިވާ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި، އަންހެން ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިހާރު ރާއްޖޭގައި އެންމެ ޢާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ސްކޭމްގެ މައްސަލަތަކާއި މިފަދަ ކުށްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ކިޔައިދީ، އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަން ކިޔައިދީ، ހޭލުންތެރިކަމުގެ މެސެޖުތައް ހިމެނޭ ލީފްލެޓް ބަހާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ތަފާތު ހަޙަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.