ޚަބަރު
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ހުޅުމާލެ ސަރަޙައްދުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި 10 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަޙައްދުގައި އުޅޭ 40 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. މި ހުރިހާ ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމުލަ 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އަދި 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 7،635 މީހުން ޑީޕޯޓުކޮށްލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.
މި ރެއިޑު އޮޕަރޭޝަނުގައި، އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދެވޭ ޚާއްޞަ ތަމްރީނުގެ ދަށުން "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.