ޚަބަރު
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދަންނަވާފައި ވަނީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކުރައްވާފައެވެ. މި ލައިސެންސިންގ ސޮފްޓްވެއަރ، އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ޖޭ.ސީ.އައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމް ވެސް އެކަމަނާ އިފްތިތާޙުކޮށްދީފައިވާއިރު، މިއީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ހަމަ މިއާއެކު، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއި ގުޅޭ ޕެނަލް ޑިސްކަޝަނެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ ''އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު'' މިއެވެ. މިއަދުގެ މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބުދުﷲ ނާޡިމް ގެ އިތުރުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.