Ads by Stelco

ޚަބަރު

ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުންގެ ދައުރު އަގުވަޒަން ނުކުރެވޭހާ ބޮޑު: ސީޕީ ނަވީން

ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުންގެ ދައުރު އަގުވަޒަން ނުކުރެވޭހާ ބޮޑު: ސީޕީ ނަވީން

އަންހެން ފުލުހުންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 02:02

17 ސެޕްޓެމްބަރު 2025، 02:02

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގައި ކަނބަލުންގެ ދައުރު އަގުވަޒަން ނުކުރެވޭހާ ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެކަނބަލުންގެ އިޚްލާޞްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަމަކީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ ނަވީން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައި ވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރައްވާ ކަމަށެވެ. އެގޮތުން، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށާއި، މުޖުތަމަޢާ ގުޅުން ބަދަހިކުރުމުން ފެށިގެން ޚާއްޞަ ތަހުޤީގުތަކާ ހަމައަށް ބެލިކަމުގައި ވިޔަސް އެކަން ފެނިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ. ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ، އަންހެނުން އަދާކުރަމުންދާ ދައުރަށް އިޙްތިރާމްކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމުގެ އަޒުމު އައުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ޚިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށާއި، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތައް އަގުވަޒަން ނުކުރެވޭހާ ބޮޑުކަމަށް ސީޕީ ނަވީން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ވިމަން އިން ޕޮލިސިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. މި ދުވަހާއި ގުޅުވައިގެން އަންހެން ފުލުހުނަށް ޚާއްޞަކޮށް ތަފާތު ޙަރަކާތްތައް ބާއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން