ޚަބަރު
މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މިހާރުއޮތް ދެ މުއައްސަސާއަކަށް ހޯދައެއް ނުދެވޭ: ވަޒީރު ވަޙީދު

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު
މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކަންކަން ބަލަހައްޓާ ދެ މުޢައްސަސާ ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހޯދައެއް ނުދެވޭ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހިންގާ ދެ އިދާރާއަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން ކަމަށެވެ. އަދި މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މި ދެފަރާތައް ހޯދައި ނުދެވޭކަން ރާއްޖޭގެ ނޫސްވެރިން ފާހަގަކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުން މައިގަނޑު ގޮތެއްގައި އަންނަ އެއް ބަދަލަކީ މިހާރު ރާއްޖޭގެ މީޑިއާތައް ބަލަހައްޓަމުންދާ މިނިވަން ދެ މުޢައްސާސާ އެއްކޮށްލައި މީޑިއާ ކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމެވެ. ބިލުގައިވާ ގޮތުން ކޮމިޝަނަށް މީޑިއާތަކުން 4 މެންބަރުންނާއި އާންމުކޮށް ހުޅުވާލެވިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 މެންބަރުން އައްޔަންކުރެވޭނެއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގަ ހިންގާ ޓީވީ ޗެނަލެއްގެ ވެރިއެއް އަރިހުން މިހާރު އެއްސެވިޔަސް ބްރޮޑްކާސްޓިން ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ވިދާޅުވާނެ ކަމަށެވެ.
ވަޒީރު ވަނީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ، ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އަދިވެސް ނަންގަވަނީ ކުރީގައި ބިލުގައި އޮތް ގޮތް ކަމަށާއި ނަމަވެސް، އިސްލާހުވެގެން ފާސްކުރެވުނު ބިލުގައި އެ ފަރާތްތަކުން ނަގާ އެއްވެސް ކަންބޮޑުވުމަކަށް ހައްލު ނުލިބި ނުވާނެ ކަމަށް ވިދާޅުވިއެވެ.
މީޑިއާ ބިލުގެ ދަށުން ރާއްޖޭގައި މީޑިއާ ހިންގަންވާނީ ރަޖިސްޓްރީ ކޮށްގެންނެވެ. ނަމަވެސް މި ބިލު ސޯޝަލް މީޑިއާ، ކޮންޓެންޓް ކްރިއޭޓަރުން އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މައްޗަކަށް ނުހިނގާނެކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެފައިވެއެވެ.
މި ބިލުގެ މަޤްޞަދަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިތުރުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިކަން ތަރައްޤީކުރުމެވެ. މީގެ ތެރޭގައި މީޑިއާތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ކަނޑައެޅުމާއި، މީޑިއާ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުން ހިމެނެއެވެ.
މީޑިއާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޫސްވެރިން އެކްރެޑިޓް ކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމާއި، މީޑިއާތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުން ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގިނަ އިސްލާހުތަކަކާއެކުގައެވެ. އަދި މި ބިލުގައި ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމެއް ނެތްކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވެއެވެ.