ޚަބަރު
600 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލިބާބާ ވޯކްޝޮޕް ފަށައިފި

ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕް 600 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފިއެވެ.
މި ވޯކްޝޮޕް ކުރިއަށްދަނީ 1 ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރާގައެވެ. މި ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި ވޯކްޝޮޕްގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މި ވޯކްޝޮޕްގައި ވަނީ މީހުން ބައިވެރިވެފައެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިން ކުރަމުންދާ ވިޔަފާރިތައް ފުޅާކޮށް، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ދިވެހި ވިޔަވާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.