ޚަބަރު
އެމްއެންޔޫގެ ދަރިވަރުންނަށް ފޮރެންސިކް ސައިންސް ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި

ފުލުހުންގެ ޚާއްޞަ ސެޝަނުގެ ތެރެއިން/ފޮޓޯ: ފުލުހުން
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫ ގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ދަރިވަރުން ތެރެއިން ބަޔޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް ފޮރެންސިކް ސައިންސް ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އެމްއެންޔޫގެ ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ ފޮރެންސިކް ޕެތޮލޮޖިސްޓް ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރު އަދި މި ފުލުހުންގެ ޚިދުމަތުގެ ޑީ.އެން.އޭ ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ ފޮރެންސިކް ޑީ.އެން.އޭ އެނަލިސްޓުން ކަމަށެވެ.
މި ސެޝަންގައި، އިންސާނާ މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާ އަދި މަރުވެފައިވާ ވަގުތު ދެނެގަނެވޭނެ ގޮތްތައް ޑރ. ހަސަން އުމަރު ކިޔައިދެއްވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ފޮރެންސިކް ހިޔުމަން އައިޑެންޓިފިކޭޝަންގެ ދާއިރާއިން ޑީ.އެން.އޭ ތަހުލީލުކޮށްގެން އިންސާނުން ދެނެގަންނަގޮތާއި، ޑީ.އެން.އޭ ތަހުލީލުކުރުމަށް ބޭނުންކުރާ މެޝިންތަކާއި، ރިއޭޖެންޓް ކިޓުތައް އަދި ލެބޯޓަރީގައި ވޯކް ފްލޯއާއި ޕްރިންސިޕަލްތައް ކިޔައިދެއްވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު، މި ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ވެސް ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.