Ads by Stelco

ޚަބަރު

"ގެދޮރުވެރިޔާ" ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ: އެފްޑީސީ

"ގެދޮރުވެރިޔާ" ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ: އެފްޑީސީ

އެފްޑީސީ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓް ފޮޓޯ:ދި މޯލްޑިވްސް ޖަރނަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ސެޕްޓެމްބަރު 2025، 05:58

13 ސެޕްޓެމްބަރު 2025، 05:58

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެފައިވަނީ، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ތަރައްޤީކުރަމުންދާ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ސަރަޙައްދުގައި ބޭނުންވާ މުނިސިޕަލް އަދި ކޮމާޝަލް ހުރިހާ ޚިދުމަތްތަކެއް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. މިގޮތުން، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ދިރިއުޅުމަށް ބޭނުންވާ މުހިންމު އެތައް ޚިދުމަތެއް ފްލެޓް ސަރަޙައްދުގައި ގާއިމުކުރެވޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ޖުމުލަ 32 ޓަވަރު ތަރައްޤީކުރަމުންދާއިރު، މީގެ ތެރޭގައި އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެސްގެ 16 ޓަވަރު ހިމެނެއެވެ. މި 4000 ފްލެޓްގެ ތެރެއިން 3000 އަށްވުރެ ގިނަ ޔުނިޓްގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އެފްޑީސީން ވިދާޅުވެއެވެ.
އެފްޑީސީން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތަކީ، ފްލެޓްތަކަށް މީހުން ބަދަލުވާއިރު ދިރިއުޅުމަށް ފަހިވާނެ ގޮތެއްގައި މުނިސިޕަލް ޚިދުމަތްތަކާއި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކުރުމެވެ. މި ޚިދުމަތްތައް ޤާއިމުކުރުމަށް 6 ޒޯނަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މުނިސިޕަލް ޚިދުމަތްތަކުގެ ތެރެއިން، ކޮންމެ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމަށް ޚާއްސަކޮށްފައިވާ ގާބެޖް ރޫމްތައް ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައިވެސް އެންމެ ތިރީގައި ސެކިއުރިޓީ ބެލެހެއްޓުމާއި، ޓަވަރުތަކުގެ އާއްމު ސަރަޙައްދުތައް ކޮންމެ ދުވަހަކު ޤަވައިދުން ސާފުކުރަމުންދާނެ ކަމަށް އެފްޑީސީން މަޢުލޫމާތު ދެއްވައެވެ.

ކޮމާޝަލް ޚިދުމަތްތަކުގެ ގޮތުގައި، ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި ރީޓެއިލް ފިހާރަތަކާއި ސުޕަރމާކެޓްތައް ޤާއިމުކުރެވޭނެއެވެ. އަދި އެހެނިހެން ޚިދުމަތްތައް ފެއްޓުމަށްޓަކާ ކޮމާޝަލް ޔުނިޓްތައް ދޫކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް އެފްޑީސީން ވިދާޅުވެއެވެ. މިގޮތުން، 5 މިނެޓުތެރޭގައި ހިނގާފަދެވޭނެ ދުރުމިނުގައި ގްރޮސަރީ އަދި ކޮންވީނިއަންސް ފިހާރަތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރަށް، ކޮންމެ ސަރަޙައްދަކަށް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރެވޭނެއެވެ. 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތަކާއި، ކެފޭ، ރެސްޓޯރަންޓް އަދި ބޭކިން ޚިދުމަތަށް ޚާއްސަކޮށްފައިވާ ޔުނިޓްތައް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސިއްޙީ ޚިދުމަތްތަކުގެ ގޮތުގައި، ކޮންމެ 10 މިނެޓަކުން ހިނގާފަދެވޭ ދުރުމިނުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި، ފާމަސީ، ވެލްނެސް ސެންޓަރުތައް ހުންނާނެ ކަމަށް އެފްޑީސީން މައުލޫމާތު ދެއްވައެވެ.
މި 32 ޓަވަރުގައި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކޮށްފައި ހުންނާނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެފްޑީސީން ވިދާޅުވާ ގޮތުގައި، މި ސަރަޙައްދުގައި މީހުން އާބާދުވަމުންދާއިރު ޒަމާނީ މިންގަނޑުތަކަށް ފެތޭގޮތަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އާޒުކަމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން