ޚަބަރު
އައްޑޫގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ އާޓް ގެލެރީއެއް ބޮނޑޮގޭގައި ހުޅުވުމަށް ތައްޔާރުވަނީ

އައްޑޫ ސިޓީ ބޮނޑޮގޭ
އައްޑޫސިޓީގެ މުއްސަނދި ތާރީޚާއި ސަގާފަތް ދައްކުވައިދިނުމަށް ޚާއްސަ އާޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ. މި ގެލެރީ ގާއިމުކުރެވޭނީ އައްޑޫސިޓީ މަރަދޫގައި ހުރި ތާރީޚީ "ބޮނޑޮގޭ" އިމާރާތުގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި އާޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ހޯދުމަށް ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިޞާދު" ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެއްކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތްކަމަށެވެ. އެ އިމާރާތުގައި އަރޓް ގެލެރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ހަމަޖައްސާފައިވާކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
މި އަރޓް ގެލެރީއާއެކު، އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔައިދިނުމަކީ މޭޔަރުގެ އުންމީދެކެވެ. އޭގެ އިތުރުން، އަލީ ނިޒާރު ވިދާޅުވީ، އަރޓް ގެލެރީގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުންކަމަށާއި އަދި އެއިން އާމްދަނީއެއްވެސް ލިބޭނެ ގޮތަކަށް ގެލެރީ ހިނގަމުންދާނެކަމަށެވެ. އަރޓް ގެލެރީގެ އިތުރުން މިއުޒިއަމްއެއްގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް މޭޔަރ ވަނީ ހާމަކުރައްވާފައެވެ.
އައްޑޫ ކައުންސިލުން ވިދާޅުވީ، މި މަޝްރޫޢުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން މި މަސައްކަތް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.