ޚަބަރު
ވޯލްޑް ކްލީން އަޕް ދުވަހާ ގުޅުވައި އެޗްޑީސީއިން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރަނީ

ހުޅުމާލޭގެ ގޮނޑުދޮށް ސާފު ކުރުމަށް ކުރިން ކުރިޔަށް ގެންދިޔަ ހަރަކާތެއް، ފޮޓޯ: އެޗްޑީސީ

ފަރުދުން
13 ސެޕްޓެމްބަރު 2025، 01:08
13 ސެޕްޓެމްބަރު 2025، 01:08
ވޯލްޑް ކްލީން އަޕް ދުވަހާ ގުޅުވައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް އެޗްޑީސީއިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ހަރަކާތުގެ މަޤުސަދަކީ ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުމެވެ.
މީގެ އިތުރުން، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމަކީ ވެސް މި ހަރަކާތުގެ މަޤުސަދެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންކަމަށް އެޗްޑީސީއިން މަޢުލޫމާތު ދެއެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުންކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ތިމާވަށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ އިތުރު ހަރަކާތެއްގެ ގޮތުން، "މަންސަ" ނަމުގައި ކުރިޔަށް ގެންދާ ޕްރޮގުރާމެއް އެރޭ އޮންނާނެކަމަށް ވެސް އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ބައިވެރިވާނެއެވެ.