ޚަބަރު
ފުލުހުންގެ ހުނަރު އިތުރުކޮށް ތަމްރީނުކުރުމަށް ސައުތު ފުލުހުންނަށް ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ބައިވެރިން/ފޮޓޯ: ފުލުހުން
ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް ތަމްރީނުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް، ސައުތު ޕޮލިހުގެ މުވައްޒަފުންނަށް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަކަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވާ މި ކޯހުގައި ހިމެނެނީ، އަންހެން 2 ފުލުހުންނާއި 18 ފިރިހެން ފުލުހުން ކަމަށެވެ.
ފުލުހުން ވިދާޅުވީ، ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ޕޮލިސިންގައި ދިމާވާ ހުރަސްތަކުން އަރައިގަތުމަށާއި، ފުލުހުންގެ މަސައްކަތްތައް ރަނގަޅުގޮތުގައި ބައްޓަންކުރުމަށާއި، އެކި ރޭންކުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަޢުލީމާއި ތަމްރީނުދީ ޤާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޚާއްޞަ ކޯހެއް ކަމަށެވެ. އަދި މި ކޯހަކީ ހުރިހާ ރީޖަންތަކެއްގައި ވެސް ޑިސެންޓްރަލައިޒްކޮށް ހިންގުމަށް ފަރުމާ ކުރެވިފައިވާ ކޯހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ކޯހުގައި "ޕަރސަނަލް ލީޑަރޝިޕް އެންޑް އެތިކަލް ސްޓޭންޑާޑްސް، ސްޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް ފޯ ފްރޮންޓްލައިން އޮފިސާސް، ކޮމިޔުނިޓީ ޕޮލިސިންގ އެންޑް ޕަބްލިކް އެންގޭޖްމަންޓް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް" ފަދަ މޮޑިއުލްތައް ކިޔަވައިދޭނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޓްރެއިނިންއާއި، މޮޑިޔުލްތަކުގެ އެސެސްމަންޓް ބައިވެރިންނަށް ދެވޭނެކަމަށް ވިދާޅުވިއެވެ.