ދުނިޔެ
ޤަޠަރަށް ދިން ހަމަލާއާއި ގުޅިގެން ކެނެޑާއިން އިސްރާއިލާއި ދެމެދު އޮތް ގުޅުން މުރާޖަޢާކުރަނީ

ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އަނަންދް
ޤަޠަރަށް އިސްރާއިލުން ދިން ހަމަލާއާއި ގުޅިގެން ކެނެޑާއިން އިސްރާއިލާއި ދެމެދު އޮތް ގުޅުން މުރާޖަޢާ ކުރަމުންދާ ކަމަށް ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އަނަންދް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ސުލްޙަ ޤާއިމްކުރުމަށް ޤަތަރުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެޑްމަންޓަންގައި ބޭއްވުނު ލިބަރަލް ޕާޓީގެ ބައްދަލުވުމެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޔޫރަޕިއަން ކޮމިޝަނުން އިސްރާއީލަށް ދޭ އެހީތައް ހުއްޓާލުމަށާއި ދަޢުވާތައް ކުރިމަތިކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، "އަޅުގަނޑުމެން ދެން އަޅާނެ ފިޔަވަޅުތައް ވަޒަންކުރަމުން ގެންދާނަން" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖެނުއަރީ މަހު ޖަސްޓިން ޓްރޫޑޯގެ ބަދަލުގައި ބޮޑުވަޒީރުކަމާ ހަވާލުވި މާކް ކާނީގެ ވެރިކަމުގައި އިސްރާއީލާ މެދު ކެނެޑާގެ ސިޔާސަތު ވަނީ ބަދަލުވެފައެވެ. މިގޮތުން ޖުލައި މަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކެނެޑާއިން ތާއީދުކުރާނެ ކަމަށް އިޢުލާނުކުރުމުން އިސްރާއީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޤަތަރަށް އިސްރާއީލުން ދިން ހަމަލާއަކީ "ބަލައިނުގަނެވޭނެ އަދި ސަރަޙައްދުގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް" ކަމަށް ބުނެ ބޮޑުވަޒީރު ކާނީ ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ޣައްޒާ ސިޓީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް ރޭވި ރޭވުމަކީ "ރަނގަޅުކަމެއް ނޫން" ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.