ޚަބަރު
ފަތުރުވެރިކަން އިތުރުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް 3 ސަރަހައްދެއްގައި ވެބިނަރތަކެއް ބާއްވަނީ

ރާއްޖޭގެ ރިޒޯޓެއް ފޮޓޯ:އިންޓަނެޓް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭރުގެ އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކުގެ މައުލޫމާތު ދިނުމަށްޓަކައި ބޭރުގެ އެމްބަސީތަކާއި ގުޅިގެން 3 ސަރަހައްދެއްގައި ވެބިނަރތަކެއް ބޭއްވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ވެބިނަރތައް އޮންނާނީ އަންނަ ހަފްތާގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވެބިނަރތައް ކުރިއަށްގެންދާނީ އެ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކާއި ގުޅިގެންކަމަށެވެ. މީގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ފަހިކޮށްދިނުމެވެ.
މި ވެބިނަރތައް އޮންނާނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހުއެވެ. މި ވެބިނަރތައް ބާއްވަނީ މުޅި ދުނިޔެ 3 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ އޭޝީއާ ޕެސިފިކް އަދި މެދު އިރުމައްޗަށް ޚާއްސަ ވެބިނަރއަކާއި، ޔޫރަޕަށް ޚާއްސަ ވެބިނަރއަކާއި، އަދި ޔުނައިޓެޑް ސްޓޭޓްސްއަށް ޚާއްސަ ވެބިނަރއެކެވެ.
މި ވެބިނަރތަކުގައި 3 ވުޒާރާގެ ކަމާގުޅުންހުރި އިސްފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ތިމާވެއްޓާއި، ރާއްޖޭގައި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް އިންވެސްޓަރުންނަށް ހިއްސާކުރާނެއެވެ. މީގެ އިތުރުން ބައިވެރިވާ އިންވެސްޓަރުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދާދިފަހުން ރާއްޖޭގައި ހަލާލް ފަތުރުވެރިކަމަށް އިންވެސްޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، އެ 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށް ސަރުކާރުން މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ. މިކަމާއި ގުޅޭ މައުލޫމާތުވެސް މި ވެބިނަރ ސެޝަންތަކުގައި އިންވެސްޓަރުންނަށް ފޯރުކޮށްދޭނެއެވެ. މި ރަށްތަކަށް ބިޑް ހުށައެޅުމުގެ މުއްދަތު މިހާރު ވަނީ އޮކްޓޯބަރ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.