ޚަބަރު
ގއ. ކަނޑުހުޅުދޫގައި ޤާއިމުކުރި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްފި

ކަނޑުހުޅުދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުން/ފޮޓޯ: ޕީއެސްއެމް
ގއ. ކަނޑުހުޅުދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އިފްތިތާޙުކޮށްދެއްވައިފި އެވެ.
ކަނޑުހުޅުދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައިވަނީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ކަނޑުހުޅުދޫއަށް ވަޑައިގެންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑާއި ފައިސާ ރަށު ކައުންސިލަށް ވަޒީރު ވަނީ ހަވާލުކުރައްވާފައެވެ. ކަނޑުހުޅުދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސްއެވެ.
އެހެން އޭޓީއެމްތައް ފަދައިން ކަނޑުހުޅުދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.