ޚަބަރު
ފ. ނިލަންދޫ ބަނދަރުގައި މިހާރު ކުރިއަށްދަނީ ޗެނަލް ބްރޭކް ވޯޓާ ޕްރޮފައިލިންގެ މަސައްކަތް: އެމްޓީސީސީ

ފ. ނިލަންދޫ ބަނދަރު މަޝްރޫޢު/ފޮޓޯ: އެމްޓީސީސީ
ފ. ނިލަންދޫ ބަނދަރުގައި މިހާރު ކުރިއަށްދަނީ ޗެނަލް ބްރޭކް ވޯޓާ ޕްރޮފައިލިންގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ފ. ނިލަންދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޗެނަލް ބްރޭކް ވޯޓާ ޕްރޮފައިލިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި މަޝްރޫއުގެ ދަށުން 55،141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 6،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 261 މީޓަރުގެ ބެރުތޮއްޓެއް ލުމާއި، 75 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމަންޓުގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމަންޓުގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއްލުމުގެ މަސައްކަތް ވެސް ކުރާނެއެވެ. އަދި 237 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، މޫރިންގ ބޯއި ހަރުކުރުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތާއި، 100 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަންދަރު ބައްތި ހަރުކުރުމާއި، ޕޭވްމަންޓް ހެދުމާއި، ކަރބްސްޓޯން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީ އަކީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ތަރައްޤީ ގެނައުމަށް ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާ ސަރުކާރުގެ ކުންފުންޏެކެވެ.