Ads by Stelco

ޚަބަރު

ރާއްޖޭގެ ފްލައިޓް މޫވްމަންޓްސް %5 އިތުރުވެއްޖެ

ރާއްޖޭގެ ފްލައިޓް މޫވްމަންޓްސް %5 އިތުރުވެއްޖެ

ވެލާނާ އެއަރޕޯޓްގައި ސްވިޒަލެންޑްގެ އެއަރލައިންއެއް ފޮޓޯ:އައްޝަރު އަޚްމަދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ސެޕްޓެމްބަރު 2025، 01:12

10 ސެޕްޓެމްބަރު 2025، 01:12

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ރިޕޯޓަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 10،187 ބައިނަލްއަޤްވާމީ ފްލައިޓް ވަނީ ދަތުރުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދަތުރުކޮށްފައިވަނީ 9،698 ފްލައިޓެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %5 ގެ ކުރިއެރުމެކެވެ.

ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު، ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ވަނީ ފާހަގަކުރެވޭހައި ބޮޑުތަނުން އިތުރުވެފައެވެ. މި އަހަރުގެ މި މުއްދަތުގައި 9،358 ޝެޑިއުލް ދަތުރު ކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 8،866 ގައެވެ. މިއީ %5.5 ގެ އިތުރުވުމެކެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ޖެނެރަލް ފްލައިޓް މޫވްމަންޓްސް ކުޑަ ދަށްވުމެއް ދައްކާފައިވެއެވެ. މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ޖެނެރަލް ފްލައިޓް މޫވްމަންޓްސް 829 އަށް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 832 ގައެވެ. ޖެނެރަލް ފްލައިޓްތަކުގެ ގޮތުގައި ބަލަނީ ޗާޓަރ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ.

ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް މިހާ ބޮޑަށް އިތުރުވެފައިވަނީ، ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކަކުން އެމީހުންގެ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާތީއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި ބާރުވެފައިވާއިރު، މި އަދަދުތަކުން ދައްކައިދެނީ ގައުމީ އިޤްތިޞާދަށް ދިރުމެއް ލިބެމުންދާކަމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން