Ads by Stelco

ޚަބަރު

ދޮޅުމަސް ނުވަނީސް 3200 މީހުންނަށް އައިނު ފިހާރަތަކުން ޚިދުމަތްދީ 2000 އައިނު ހިލޭ ހައްދައިދީފި

ދޮޅުމަސް ނުވަނީސް 3200 މީހުންނަށް އައިނު ފިހާރަތަކުން ޚިދުމަތްދީ 2000 އައިނު ހިލޭ ހައްދައިދީފި

އައިޖީއެމްއެޗްގެ އައިނު ފިހާރަ ފޮޓޯ: މިހާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ސެޕްޓެމްބަރު 2025، 12:52

10 ސެޕްޓެމްބަރު 2025، 12:52

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކުން ދޮޅުމަސް ނުވަނީސް 3200 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވާކަމަށާއި، މިހާތަނަށް 2000 އަށްވުރެ ގިނަ އައިނު ހިލޭ ހައްދައިދީފައިވާކަމަށް އެމް.ސީ.ޖީ.އެޗް އިން ވިދާޅުވެއްޖެއެވެ. މިއީ ރައްޔިތުންނަށް އައިނު ހެދުމަށް ކުރަންޖެހޭ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ދަށުން ސަރުކާރުން ފެށި މުހިންމު ޚިދުމަތެކެވެ.

މި ޚިދުމަތް ދިނުމަށްޓަކައި، މާލޭގައި ހުންނަ އައި.ޖީ.އެމް.އެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ޚާއްސަ އައިނު ފިހާރަތައް ހުޅުވައި، މިހާރު ޚިދުމަތް ދެމުންނެވެ. އެމް.ސީ.ޖީ.އެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އައި.ޖީ.އެމް.އެޗްގައި ޖުލައި މަހުގެ 27 ވަނަ ދުވަހު ހުޅުވި އައިނު ފިހާރައިން މިހާތަނަށް 3200 މީހުން ޚިދުމަތް ހޯދާފައިވާކަމަށެވެ.

އައި.ޖީ.އެމް.އެޗް އިން ޚިދުމަތް ހޯދި ފަރާތްތަކުގެ ތެރެއިން 1088 ފަރާތެއްގެ އައިނު ނިންމައި ހަވާލުކޮށްފައިވާއިރު، 900 އަށްވުރެ ގިނަ އައިނު ނިންމައި އަދި ވެރިފަރާތުން ހަވާލުނުވެ އެބަހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި އައި.ޖީ.އެމް.އެޗްގެ އައިނު ފިހާރައިން 1200 އެއްހާ އައިނު އުފެއްދުމުގެ މަރުޙަލާގައި ހުރިއިރު، މީގެތެރެއިން ބައެއް އައިނުތައް ލަސްވަނީ ބޭރުން ޚާއްސަ ބައެއް ލެންސްތައް ގެންނަންޖެހޭތީއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލުން ވެސް 400 އަށްވުރެ ގިނަ އައިނު ހަދަން އެދިފައިވާކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

އަޅުގަނޑުމެނަށް އެނގޭ ރައްޔިތުން ބޭނުން ޚިދުމަތެއްކަން މިއީ، އެކަމަކު އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިހާބޮޑަށް ރައްޔިތުން މިކަމަށް ބޭނުންޖެހިފައިވާކަމެއް. އަޅުގަނޑުމެނަށް މިޚިދުމަތް ފެށުމާއެކު މިހާރު އަގުހެޔޮކޮށް އައިނު ހެދޭނެ އިންތިޒާމުތައް ހަމަޖެހިގެންދިޔުމުން އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ

ސީއީއޯ


އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑާ އެކު އައި.ޖީ.އެމް.އެޗްގެ އައިނު ފިހާރައަށް މިހާރުވަނީ އިތުރު މެޝިނެއް ގެނެސްފައެވެ. އެވްރެޖްކޮށް ދުވާލަކު 35 އައިނާއި 40 އައިނާ ދެމެދު މިހާރު އައިނު ހަދަމުންދާއިރު، މި އާ މެޝިނާއެކު އައިނު ހެއްދުން ކުރިއަށް އޮތްތަނުގައި ދެގުނަ އިތުރުވެގެންދާނެއެވެ.

ސަރުކާރުގެ ސިޔާސަތަކީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން