Ads by Stelco

ޚަބަރު

އައިޖީއެމްއެޗް އޮޕްޓިކަލްސްއިން 800 އަށްވުރެ ގިނަ ފަރާތްތަކަށް އައިނު ދޫކޮށްފި

އައިޖީއެމްއެޗް އޮޕްޓިކަލްސްއިން 800 އަށްވުރެ ގިނަ ފަރާތްތަކަށް އައިނު ދޫކޮށްފި

އައިޖީއެމްއެޗް އޮޕްޓިކަލްސް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ސެޕްޓެމްބަރު 2025، 11:42

07 ސެޕްޓެމްބަރު 2025، 11:42

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކުރެވުނު އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 800 އަށްވުރެ ގިނަ ފަރާތްތަކަށް އައިނު ދޫކޮށްފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން އާސަންދައިގެ ތެރެއިން ރައްޔިތުންނަށް ހިލޭ ނުވަތަ އަގުހެޔޮކޮށް އައިނު ހެދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ފެށުނު މުހިންމު ޚިދުމަތެކެވެ.

މި ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމުކުރި އައިނު ފިހާރައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އާންމު ދިރިއުޅުމަށް އައިނަކީ މުހިންމު އެއްޗަކަށްވާއިރު، ރާއްޖޭގައި އައިނު ހެދުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ. މި ތަކުލީފަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ މިފަދަ އައިނު ފިހާރަތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.

އައިޖީއެމްއެޗްއިން މައުލޫމާތުދެއްވިގޮތުގައި، އައިނު ފިހާރަ ހުޅުވުނު ފަހުން މިހާތަނަށް 2994 މީހުން މި ޚިދުމަތް ހޯދާފައިވާކަމަށެވެ. މީގެ ތެރެއިން 1899 އައިނު ތައްޔާރުކޮށްފައިވާއިރު، 810 ފަރާތަކަށް ވަނީ އައިނު ދޫކޮށްފައެވެ. އަދި 1105 އައިނު މިހާރުވެސް ދަނީ ތައްޔާރު ކުރަމުންނެވެ. އައިނު ހެދުމަށް ނަންބަރު ނެގުމަށް 1691 މީހުން ވަނީ ނަން ނޯޓުކޮށްފައެވެ.

ރައްޔިތުންނަށް މި ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން، އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް ފުޅާކޮށް، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެގޮތް ހެދުމެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައިނުވީ ނަމަވެސް، ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އިންޝުއަރެންސެއް ދެމުންދެއެވެ. ކުރިން ކޮންމެ ދެއަހަރުން އެއްފަހަރު 1000 ރުފިޔާގެ އެހީތެރިކަމެއް ދެމުން ގެންދިޔަ ނަމަވެސް، މިހާރު ވަނީ އެ އަދަދު 2000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36,000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން