ޚަބަރު
ޓޫރިޒަމްގެ ބާނީ އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީން ތަޢުޒިޔާ ދަފްތަރެއް ހުޅުވަނީ

މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފޮޓޯ: އެޑިޝަން
ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީއެއް އަދި އެންމެ ކާމިޔާބު ދިވެހި ވިޔަފާރީގެ ތެރޭގައި ހިމެނޭ ޔުނިވާސަލްގެ ވެރިޔާ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފިއެވެ. މި ދަފްތަރު ހުޅުވާފައި ހުންނާނީ މި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޔޫ މަނިކު އަވަހާރަވީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މަޓީން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތަޢުޒިޔާ ދަފްތަރުގައި ސޮއިކުރެވޭނެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ތަޢުޒިޔާ ދަފްތަރުގައި ސޮއިކުރަން ބޭނުންވާ ފަރާތްތަކުން، ފަސްމީރު ބިލްޑިންގްގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މަޓީގެ އޮފީހަށް ވަޑައިގަތުމަށް މަޓީން ވަނީ އެދިފައެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް 1972 ވަނަ އަހަރު ފެށިގެން އައިއިރު، އެ މަސައްކަތްޕުޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމްގެ ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. ދިވެހީންގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވައި، އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ ވަރަށް އިސް މަޤާމުތަކެއް ވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.
ޓޫރިޒަމްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ މަނިކުގެ ޔުނިވާސަލްއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އިސްނެންގެވުމަށް އެ ކުންފުނީގެ ދަށުން ޔުނިވާސަލް ފައުންޑޭޝަން އުފައްދަވައި، އެތައް ބަޔަކަށް ބޭރު ޤައުމުތަކުން މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު ވެސް ވަނީ ތަނަވަސްކޮށްދެއްވާފައެވެ.
އެމްޔޫ މަނިކަކީ ދިވެހި ޤައުމަށާއި، ޚާއްޞަކޮށް ޓޫރިޒަމް ސިނާއަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް މަޓީން ފާހަގަކޮށްފައިވެއެވެ. މި ތަޢުޒިޔާ ދަފްތަރު ހުޅުވުމަކީ އެމަނިކުފާނުގެ ޚިދުމަތްތަކަށް ހުރުމަތް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް މަޓީން ބުނެއެވެ.