ދުނިޔެ
ފަލަސްޠީނުގެ ރައްޔިތުން އެބިމުން ނެރުމަށް ރާވައި ނަތަންޔާހޫ ދެއްކި ވާހަކަތައް ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި

މިޞްރާއި ފަލަސްތީނު ގުޅުވައިދޭ ރަފާ ބޯޑަރު ކައިރި
ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިމުން ނެރުމަށް ރާވައި އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފިއެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާ، ޤަތަރު، ކުވެއިތު، ޖޯޑަން އަދި ފަލަސްތީނުގެ އިތުރުން ގަލްފް ކޯޕަރޭޝަން ކައުންސިލުން ވަނީ ރަސްމީ ބަޔާން ނެރެފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާމެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތާއި، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ނަސްލު ނައްތާލުމުގެ ހަނގުރާމައާއި، ހުޅަނގު ދެކުނު ސަރަހައްދުގައި ހިންގާ ޖަރީމާތަކާއި، ދީނީ މަޤާމުތަކުގެ ހުރުމަތްކެނޑުމާއި، އާބާދީތައް އިތުރުކުރުމުގެ ރޭވުންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާ ހުރަސްތަކަކީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
ކުވެއިތު އަދި ޖޯޑަންގެ ފޮރިން މިނިސްޓްރީތަކުން ވެސް ވަނީ ނަތަންޔާހޫގެ ބަޔާން ކުށްވެރިކޮށް، ފަލަސްތީނު ރައްޔިތުން ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި މި މައްސަލައިގައި މިސްރުގެ ބަހަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައިވެއެވެ.
މިޞްރުން ބުނެފައިވަނީ ނަތަންޔާހޫގެ ބަހާއި އެއްގޮތައް ފަލަސްޠީނުގެ ރައްޔިތުިން ފަލަސްޠީނުން ނެރޭނެ ދޮރެއް ކަމުގައި މިޞްރުގެ ބޯޑަރުތައް ނުހަދާނެކަމަށެވެ.
ޢަރަބި ޤައުމުތަކުން ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމައުއިން މިކަމާމެދު އަވަސް ފިޔަވަޅުތަކެއް އަޅައި، ޣައްޒާގައި ހިންގަމުންދާ ނަޞްލު ނައްތާލުން ހުއްޓުވައި، 1967 ގެ ބޯޑަރުތަކުގެ ތެރޭގައި އިރުމަތީ ޖާރުއްސަލަމް ވެރިކަން ކުރާ ރަށްކަމުގައި ހިމެނޭ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށެވެ.