ޚަބަރު
އޮގަސްޓް ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީއިން 2.2 ބިލިޔަން ރުފިޔާގެ އާމްދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ޓަރމިނަލް ފޮޓޯ: ފައިނެންޝަލް ޖަރނަލް
މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް، ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ނަގާ ޓެކުހާއި ފީ، ނުވަތަ އެއަރޕޯޓް ޓެކުހާއި ފީ (އޭ.ޓީ.އެފް)ގެ ގޮތުގައި ދައުލަތަށް 2.2 ބިލިޔަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 46 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އާންމުކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް"ގައިވާ ގޮތުން، މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ޓެކުހާއި ފީ ނަގާ ރޭޓް ބޮޑުކުރުމެވެ.
އެއަރޕޯޓް ޓެކުހާއި ފީގެ ދެ ބާވަތްދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ދަޢުލަތުން ދެ ބާވަތެއްގެ ޓެކުހާއި ފީ ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ. މި ދެ ބާވަތުގެ ޓެކުހާއި ފީ ނަގާ ރޭޓަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޑިޕާޗަރ ޓެކްސްގެ އާމްދަނީޑިޕާޗަރ ޓެކްސް އަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި ޓެކްސެކެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މާލީ ވުޒާރާގެ ރިޕޯޓް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން އޮގަސްޓް 28 އާ ހަމައަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 745 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 52.5 އިންސައްތަ އިތުރު އަދަދެކެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޑީ.އެފް) އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 762 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 51.5 އިންސައްތަ އިތުރު އަދަދެކެވެ.
އޭ.ޓީ.އެފް އާމްދަނީ އިތުރުވީ ކީއްވެ؟
އޭ.ޓީ.އެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެއެވެ.
މިހާރު ޑިޕާޗަރ ޓެކްސް ނަގާ ރޭޓްތައް:
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު، ބިދޭސީން 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު، ބިދޭސީން 90 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
މިހާރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާ ރޭޓްތައް:
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު
ޓެކްސް އާއި ފީ އިން އިސްތިސްނާވާ ފަރާތްތައް:
ޑިޕާޗަރ ޓެކްހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.
ދަޢުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ ގައުމީ ބަޖެޓަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެކެވެ.