Ads by Stelco

ޚަބަރު

ރާއްޖެއަށް ހޫނު ގަދަވަނީ ، ބައެއް ސަރަހައްދުތަކަށް 38 ޑިގްރީއަށްވުރެ މަތީގެ ހޫނުމިން އިޙްސާސްކުރެވިއްޖެ!

ރާއްޖެއަށް ހޫނު ގަދަވަނީ ، ބައެއް ސަރަހައްދުތަކަށް 38 ޑިގްރީއަށްވުރެ މަތީގެ ހޫނުމިން އިޙްސާސްކުރެވިއްޖެ!

ބައެއް ސަރަހައްދުތަކަށް 38 ޑިގްރީއަށްވުރެ މަތީގެ ހޫނުމިން އިޙްސާސްކުރެވިއްޖެ!

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ސެޕްޓެމްބަރު 2025، 03:55

06 ސެޕްޓެމްބަރު 2025، 03:55

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީހުން) ވިދާޅުވެއްޖެއެވެ. މި ހޫނު މިނަކީ މި ދުވަސްވަރު ރާއްޖެއިން ފެންނަ އާދަޔާ ޚިލާފު މަތީ މިންވަރެކެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މިއަދު ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ބޮޑަށް ހޫނު އިޙްސާސްކުރެވުނު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ލ. ކައްދޫއެވެ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.7 ޑިގްރީ ސެލްސިއަސްގައެވެ.

މީގެ އިތުރުން ގދ. ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.1 ޑިގްރީ ސެލްސިއަސްގައެވެ. އަދި އައްޑޫސިޓީ ގަމުގައި ހޫނުމިން 30.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި މަހަށް ރާއްޖެއަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށްވެސް ލަފާކުރައްވައެވެ.

މެޓް އޮފީހުން ވިދާޅުވާ ގޮތުގައި، ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެއެވެ.


ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް:

  • ވަރުދެރަވުން
  • އަކުނިވަޔަށްދެމުން
  • ބޮލުގައި ރިއްސައި ބޯއެނބުރުން
  • ހަށިގަނޑުގައި ފެންމަދުވުން
  • ލޮލަށް ލިބޭ ގެއްލުން
  • ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
  • ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
  • ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
  • އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
  • ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
  • އަވިއައިނު އެޅުން
  • ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން

ޚާއްޞަކޮށް، ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެއެވެ. ތުއްތު ކުދިންނަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން