Ads by Stelco

ޚަބަރު

ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 65،000 އަށްވުރެ މައްޗަށް ، މިއަހަރު 1800 އެނދު އިތުރުކޮށްފި!

ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 65،000 އަށްވުރެ މައްޗަށް ، މިއަހަރު 1800 އެނދު އިތުރުކޮށްފި!

މިއަހަރު ހުޅުވި ދުސިތް ޑީ2 ރިސޯޓް ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ސެޕްޓެމްބަރު 2025، 02:50

06 ސެޕްޓެމްބަރު 2025، 02:50

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، މިއަހަރުގެ މިހާތަނަށް 1800 އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމަށް ނެރެފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއާއެކު، ރާއްޖޭގައި ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު މިވަނީ 65،000 އަށްވުރެ މައްޗަށް އަރާފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63,248 ގައެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 1,895 އެނދު އިތުރުވެ، މިހާރު މި އަދަދު ވަނީ 65,143 އަށް އަރާފައެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ތަރައްޤީ އާއި ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.

ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 65،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި އެކި ބާވަތުގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އެނދުތައް ހިމެނެއެވެ. އެގޮތުން 43,247 އެނދު ރިސޯޓުތަކުގައި ހިމެނޭއިރު، ގެސްޓު ހައުސްތަކުން 15,494 އެނދު، ސަފާރީތަކުން 3,918 އެނދު، އަދި ހޮޓާތަކުން 2,484 އެނދު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަނީ ތައްޔާރުކޮށްފައެވެ. އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 174 ރިސޯޓު، 903 ގެސްޓުހައުސް، 161 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,254 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ފާހަގަކުރެވޭ ކުރިއެރުމެއް ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,492,075 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,363,333 ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.4 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން މި އަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އެހެންކަމުން މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 807,925 ފަތުރުވެރިންނެވެ. މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލްކުރުމަށްޓަކައި، މިއަހަރުގެ ކުރިއަށް އޮތް 120 ދުވަސްތެރޭ ދުވާލެއްގެ މައްޗަށް 6,732 ފަތުރުވެރިން ރާއްޖެއަށް އަންނަން ޖެހެއެވެ. ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަން ކަމަށްވާއިރު، ދުވާލެއްގެ މައްޗަށް މިއަދަދަށްވުރެ އިތުރަށްވެސް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ވަރަށްވެސް އުޖާލާކަމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން