ކުޅިވަރު

ނިއު ރޭޑިއަންޓަށް ސޮއިކޮށް، ބޭލްގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދައިފި

ނިއު ރޭޑިއަންޓަށް ސޮއިކޮށް، ބޭލްގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދައިފި

ޤައުމީ ޓީމުގެ ޖާރޒީގައި މުޙައްމަދު ޝަހާއު (ބޭލް)---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ސެޕްޓެމްބަރު 2025، 10:09

04 ސެޕްޓެމްބަރު 2025، 10:09

ނިއު ރޭޑިއަންޓަށް ސޮއިކޮށް، މުޙައްމަދު ޝަހާއު (ބޭލް)ގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަމަށް އަންގައި މުބާރާތުގައި ވާދަނުކުރުމަށް ނިންމުމާ ގުޅިގެން، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި ނިއުއިން ދަނީ ސްކޮޑު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ކްލަބުގެ ސްކޮޑަށް އެންމެ ފަހުން އިތުރުކުރި އެއް ކުޅުންތެރިއަކީ ބޭލްއެވެ. އޭނާ ނިއުއާއެކު ދެ ސީޒަންގައި ކުޅުމަށް އެއްބަސްވުމަކަށް އައިސްފައި ވަނީ އަންގާރަ ދުވަހުއެވެ. އެއަށްފަހު އޭނާ ވަނީ އެ ކްލަބުގެ ފަރިތަކުރުންތަކުން މިއަދު ފެނިފައެވެ. 

"ފަރުދުން"އަށް ދިން އިންޓަވިއުއެއްގައި ބޭލް ބުނީ، ނިއުއަށް ކުޅުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކޭ ހުވަފެނެއް ކަމަށާއި، ނަމަވެސް މިއީ އޭނާ އުއްމީދުނުކޮށްގެން ހުއްޓައި ލިބުނު ފުރުސަތެއް ނޫންކަމަށެވެ.

ނިއު ރޭޑިއެންޓަކީ ކުޑައިރުން ފެށިގެން ޑްރީމް އެއް. އެކްސްޕެކްޓެއް ނުކުރަން ނިއުއަށް ކުޅެލަން ލިބޭނެއެކޭ.

ނިއުއާއެކު ދެ އަހަރުގެ އެއްބަސްވުމަކަށް އައިސްފައިވާ މުޙައްމަދު ޝަހާއު (ބޭލް) ބުންޏެވެ.

ނިއު ރޭޑިއެންޓާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުންދާ ބޭލް ބުނީ، ގިނަ ދުވަސްތަކަކަށްފަހު އެ ކްލަބު ދިވެހި ޕްރިމިއަރ ލީގަށް އައި ނަމަވެސް، އެހެން ޓީމުތަކާ ވާދަކުރެވޭ ވަރުގެ ސްކޮޑެއް އެކުލަވާލާފައިވާކަމަށެވެ. އަދި އިތުރު ކުޅުންތެރިންނާއެކު، އެ ސްކޮޑު އިތުރަށް ވަރުގަދަވާނެކަމަށް ޤަބޫލު ކުރެވޭކަމަށް ވެސް އޭނާ ބުންޏެވެ. 

އަދި އޭނާގެ ޕޮޒިޝަނަށް ކުޅޭ މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، ފުރަތަމަ އެގާރައިން ޖާގަ ހޯދޭނެކަމަށް އުއްމީދުކުރާކަމަށް ބުންޏެވެ.

ބޭލްގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އޭގެ ފަހުން އޭނާ ވަނީ ދަ ގްރާންޑޭއަށް ވެސް ކުޅެފައެވެ. އަދި ނިއުއަށް ބަދަލުވީ، ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރުމަށް ނިންމި ސަސްއިންނެވެ.

ނިއުގެ ސްކޮޑު ވަރުގަދަ ކުރުމަށް މޮޅެތި ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ޓީމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު އާއި ޤައުމީ ޓީމަށް ކުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ޢަލީ ފާސިރު (ސެންޓޭ) ވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން