ޚަބަރު
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފި

އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ގެންދިޔަ މެޑިކަލް މެނޭޖްމަންޓް ތަމްރީނުގެ ތެރެއިން. ފޮޓޯ:އެމްއޭސީއެލް
ހުލާސާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި އެކި މެޑިކަލް މުއައްސަސާތަކުން ޖުމްލަ 73 ބޭފުޅުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އޭޑީކޭ، މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސްގެ މުވައްޒަފުން ހިމެނެއެވެ.
މި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި އެހެނިހެން މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބޭއްވިފައިވަނީ 2022 ވަނަ އަހަރުއެވެ. މިއަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެކަމަށް ވަނީ ހާމަކޮށްފައެވެ.