ޚަބަރު
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޢިލްމީ ދިރާސާތަކުގެ ހޯދުންތައް ހުށައަޅަން ހުޅުވާލައިފި

ޤައުމީ ތަރައްޤީގެ ޕްލޭންއާއި މެދު މަޝަވަރާކުރެވުން
20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި، ޢިލްމީ ދިރާސާތަކުގެ ހޯދުންތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްލޭނަކީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގައި، ރާއްޖޭގެ ކުރިމަގު ބިނާވެގެންދާނެ ގޮތުގެ ތަޞައްވުރެކެވެ.
ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްގެން އެކުލަވާލެވޭ މި ޕްލޭނަކީ، އާންމު ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އެކިއެކި ޢިލްމީ ދިރާސާތަކަށް ބިނާކޮށް އެކުލަވާލެވޭ ޤައުމީ ތަރައްޤީގެ ޕްލޭނެކެވެ. މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ޢިލްމީ ދިރާސާތަކުގެ އަލީގައި މަޢުލޫމާތު އެއްކުރުމެވެ.
ނެކްސިއާ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޙާމިދު ޞާދިޤް ވިދާޅުވީ "އެކި ދާއިރާތަކުން މާހިރުންނާއި ރައްޔިތުންގެ ޚިޔާލާއެކު ހަދާފައިވާ އެކިއެކި ދިރާސާތަކުގެ މަޢުލޫމާތު ހުށައެޅޭނެ. އެ ދިރާސާތަކުގެ ހޯދުންތަކާއި، ރަނގަޅުކުރަން ފެންނަ ކަންކަން، ސަމަރީއެއްގެ ގޮތުގައި ހުށައެޅޭނެ." ކަމަށެވެ.
ދިރާސާތައް ހުށައެޅުމަށް ނެކްސިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކް ޙިއްސާކޮށްފައިވާއިރު، ކުންފުނިން ވަރަށް އަވަހަށް ވެބްސައިޓެއް ލޯންޗްކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މި ދިރާސާތައް ހުށައެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 އެވެ.
މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ، ދުރު ރާސްތާއަށް ނިންމުންތައް ނިންމާއިރު، ޢިލްމީ ދިރާސާތަކަށް ބިނާކޮށް ކަންކަން ނިންމުމެވެ. އަދި މި ޕްލޭންއިން ފެނިގެންދާނީ މިހާރުގެ ރާއްޖޭގެ ޙާލަތަށް ބިނާކޮށް، ކުރިމަގުގައި ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަކުރުމަށް ރައްޔިތުން ނިންމާ ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ނިންމުންތަކެވެ.